އެއްވެ އުޅެން ހުރަހެއް އޮވެއްޖެނަމަ، އެ ހުރަހެއް ނައްތާލައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެއްވެ އުޅުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
”އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އެއަށް ހުރަހެއް އޮވެއްޖެއްޔާ، ނައްތާލަނަން. ޔަގީންކަން ބާއްވާ، އިނގޭތޯ؟“
އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުުގެ މިނިވަން ކަމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ކޮމިޓީގައި ޕާކު ކޮށްފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރާ ގާނޫނު އުވާލާނީ ކޮންއިރަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ ގާނޫނު އުވާލަން މެމްބަަރަކު ހުށަޙަޅުއްވާފައިވާ ކަމަށާއި، ނުވާނަމަ އެކަމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނި ނުކުރުމަކީ ރައީސް ސޯލިހުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ދަނީ، އެހައްގަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، ފާޑު ކިޔަމުންނެެވެ.