އިދިކޮޅު ލީޑަރު، ރައީސް ޔާމީން ދިވެހިރާއްޖޭގެ ނޫސްވެރިންނަށް މެސެޖެއް ދެއްވައިިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިންނަކީ ރަައްޔިތުން ހޭލުންތެރި ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ބައެއް ކަމަށެވެ. ނޫސްވެރިންނަކީ އަމާނާތަކާ ހަވާލުވެގެން ތިބި ބައެއް ކަމަށާއި، ރައްޔިތުންގެ ވިސްނުމާ ފިކުރު އެކި ގޮތްގޮތަށް ބަދަލު ކުރަން ތިބި ބަޔަކީވެސް ނޫސްވެރިން ކަަމަށް ވިދާޅުވިއެވެ.

”އެހެންވީމަ، ނޫސްވެރިން އެމީހުންނަށް ހަވާލުވެފައިވާ އަމާނާތް، އެބަޖެހޭ އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ގެނެސްދޭން.“

ރައީސް ޔާމީން ވަނީ ލިބޭ ”ސިޓީ އުރަ“އަށް ނުހެއްލި، ރާއްޖޭގެ ހާލަތު ތެދު ބަހުން ގެނެސްދޭން ނޫސްވެރިންނަށް ގޮވާލައްވައިފައެެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށް ވަމުން އަންނަ ގޮތާއި، ސިޔާސީ ކަންކަން ހުރި މިސްރާބު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދަށް ކުރާ ނުރަނގަޅު އަސަރު ރާއްޖެއަށް ކުރާނެކަމާއި ރައްޔިތުން ހަރަދުކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ސޯލިހު އިންޒާރު ދެއްވިއިރު، އެއަށްފަހުގައި، ރައްޔިތުން ހާސްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވި ވާހަކަ އަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ”އިންޑިއާ އައުޓް“ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި އެ ކެމްޕެއިން ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަށް އިޝާރާތް ކުރައްވައި، ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ފުލުހުން ނުކުންނަނީ ޣައިރު ގާނޫނީ އަމުރެއް ތަންފީޒު ކުރަން ކަމަށާއި، އެކަން ކުރަން ނުޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.