އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ”ވިނަރެސް“ ފުލެޓުތައް ދޭން އެމަނިކުފާނުގެ ސަރުކާރުން ނިންމެވީ މަހަކު 7000 ރުފިޔާ އަށް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެދުފަންތީގެ މީހުންނަށް ހާއްސަ މި ފްލެޓްތަކަކީ ޖާގަ ތަނަވަސް ފްލެޓްތަކެކެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މި ފްލެޓްތައް ބަލައިލުމުގެ ފުުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު، ގިނަ ބައެއްގެ ޝަކުވާ އަކީ ކުލި ބޮޑުވުމެވެ.
މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫއު، މި ސަރުކާރުން 1340 އަށް މަދުކޮށް، ”ވިނަރެސް“ ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
”ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް.“
ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫޢު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުން އެދެން.ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓް ތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް
— Dr Mohamed Muizzu (@MMuizzu) June 10, 2022
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ މި ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އެޗްޑީސީން ވަނީ ކަނޑައަޅައިފައެވެ. ފުރަތަަމަ ގޮތަކީ، އެޕާޓްމަންޓްގެ އަގުގެ 15 އިންސައްތައާ 19 އިންސައްތައާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ.
ދެވަނަ ގޮތަކީ، އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެއް މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.