ވިލިމާލެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރާ ތަން އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ބަންދު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިިފިއެވެ.

Ads by Asuru

ސިޓީ ކައުންސިލުން ބުނީ  މިގޮތަށް ނިންމީ މިދިޔަ ބުދަ ދުވަހު އޮތް އެކައުންސިލުގެ ބައްދަލުވުމުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ކުރަން ނިންމި ފަސް ކަމުގެ ތެރޭގައި ތިލަފުށިން އެކަށީގެންވާ ވަރުގެ ބިމެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގައި ދެންނެވުމާއި ތިލަފުއްޓަށް ބަދަލު ކުރެވެންދެން ވިލިމާލޭގެ ހުޅަނގުފަރާތުގައި އެކަށީގެންވާ ހަރުގެއް ހަދައި ރެގިއުލޭޓް ކުރެވޭނެ ނިޒާމަކުން ޖާގަ ކުއްޔަށް ދިނުމާއި،  ފައިބަރު މަސައްކަތް ކުރާ ތަން އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބަންދު ކުރުމާއި މޫދަށް އެރި އުޅޭ ސަރަހައްދާ ކައިރިވިޔަ ނުދިނުމަށް ވަގުތީ ފެންސެއް ޖެހުމާއި ފައިބަރު މަސައްކަތް ކުރާ ސަރަހައްދު މޮނިޓަ ކުރުން ހަރުދަނާ ކުރުންވެސް ހިމެނެއެެވެ.

ފައިބަރ މަސައްކަތް ކުރާ ފަރާތްތައްވެސް އެކަން ކުރަނީ އާމްދަނީ ހޯދުމުގެ ގޮތުންކަމާއި، އާއިލާތަކަށް ކާންބޯން ދިނުމަށް ކަމަށްވާތީ، އެހެން ގޮތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއް ކަން ކައުންސިލުން ފާހަގަކުރެއެވެ.

މީގެ އިތުރުން ޕޮލިހުން ވިލިމާލެ ބީޗުގެ ބޮދު ސަރަޙައްދެއް ފެންސުޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މޫދަށް އެރެން ސަރަޙައްދު ކުޑަކަމުން، އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުން ދިޔުމާއެކު، އެ ފެންސް ނެގުމަށް ޕޮލިހުގައި ދެންނެވުމަށްވެސް ފާސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.