ކީރިތި މާތް ނަބިއްޔާ މުހައްމަދު (ސ.އ.ވ)އަށް އިންޑިއާގެ ބީޖޭޕީގެ ތަރުޖަމާނު ހަޖޫ ޖެހި މައްސަލައާ ގުޅިގެން، އެކަލޭގެފާނުގެ ދިފާއުގައި ބޮޑު ޖަލްސާއެއް ބާއްވަން އިދިކޮޅުން ނިންމައިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނި ގޮތުގައި، މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ، 8:30ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރުމަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަސޫލާ (ސ.އ.ވ) އަކީ ރަސޫލު ބޭކަލުންގެ އިމާމް. އެކަލޭގެފާނަށް މަތިވެރި ފޮތް ބާއްވާލެއްވީ. އެކަލޭގެފާނަކީ އަޅުގަނޑުމެންގެ އެންމެ މުގައްދަސް ޝަހުސިއްޔަތު، އަޅުގަނޑުމެންގެ އިމާމް.

ޝަހީމް ވަނީ މާލެއާއި ކައިރީގައިވާ ރަށްތަކުގެ އަހުލުވެރިންވެސް މި ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ނަބިއްޔާގެ ދިފާއުގައި އިއްޔެ ބޭއްވި ސައިކަލު ބުރުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެެއެވެ. އެއްވުމުގެ ބައިވެރިން ވަނީ ބީޖޭޕީގެ ތަރުޖަމާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯވެސް އަންދާފައެވެ.