”ހަފްތާ ރެސް“ ޕްރޮގްރާމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އިތުރުފުޅު ހައްދަވައިފިއެވެ.

Ads by Asuru

ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން، ރ.އުނގޫފާރު ސްކޫލްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ސްކޫލް ދަރިވަރުން، ސްކޫލް ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމުގައި ވަނީ ކިޔައިދީފައެވެ.

އަދި ސްކޫލް އެސެމްބްލީގައި ލަވަ ކިޔުމުގައި ބައިވެރި ނުވުމާއި، ތުނބުޅި ދިގު ކުރުން ވެސް އެއީ ހަރުކަށި ފިކުރަށް ދަރިވަރު ލެނބެމުން އަންނަކަން އަންގައިދޭ ކަމެއް ކަމަށް ކިޔައިދީފައިވެެއެވެ.

މިކަން ޔޫތު މިނިސްޓްރީން ދޮގު ކުރިއިރު، މި ޕްރޮގްރާމްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ޔޫތު މިނިސްޓްރީން މީގެ ކުރިން ހިއްސާ ކުރި ޓްވީޓެއްގައި ފެނެއެވެ.

އެ ފޮޓޯގައި ފެންނަނީ ހަރުކަށި ފިކުރުގެ އަލާމާތްތަކުގެ ގޮތުގައި، ވަގުތަށް ނަމާދު ކުރުން ހިމަނައި ކިޔަވައިދޭ މަންޒަރެވެ. ޔޫތު މިނިސްޓްރީން ފަހުން މި ޓްވީޓު ވަނީ ޑިލީޓް ކޮށްފައެވެ.

ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން– ޔޫތު މިނިސްޓްރީން ވަނީ މި ފޮޓޯ ޑިލީޓް ކޮށްފައި–

އަދި މިއީ ނުހިނގާ ކަމެއް ކަމުގައި ދެއްކެވުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ ހަފްތާ ރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެފަދަ އެއްވެސް ޕްރޮގްރާމެއް މިމިނިސްޓްރީއިން ހިންގާފައެއް ނުވާނެ އަދި ނުވެސް ހިންގާނެ

ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ބުނެ، ސަރުކާރުން ހިންގާ މިފަދަ އަމަލުތަކަށް މީގެ ކުރިންވެސް އެތައް ބައެއްގެ ނުރުހުން އަމާޒުވިއިރު، މިފަހަރުވެސް މިކަމާ ދެކޮޅަށް ގިނަ ދިވެހިން ދަނީ އަޑު އުފުލަމުންނެވެ.

ހަފްތާރެސް ޕްރޮގްރާމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވެސް ހެދީ ދޮގެވެ.