މިއަހަރުގެ ބޮޑު އީދަށް ގިނަ ރަށްތަކުން މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ.

Ads by Asuru

އެގޮތުން ހއ.ބާރަށުގައިވެސް މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ވަރަށް ކުލަ ގަދަ ހަރަކާތްތަކެއް ރާވާފައިވެއެވެ. މި އީދުގައި ބާރަށަށް އީދު ”ހަބޭސް“ކޮށްލުމަށް، މަޝްހޫރު ”ހަބޭސް“ ބޮޑުބެރު ގްރޫޕް ދާނެއެވެ.

މިއަހަރުގެ ބޮޑު އީދު އެރަށުގައި ފާހަގަ ކުރަނީ، ރަށުގެ އެންމެ ދުވަސްވީ ޖަމުއިއްޔާ ”ރެހެންދި މޫވްމަންޓް“އާއި ޒުވާނުން ގުޅިގެންނެވެ.

ހަބޭސްއިން ބާރަށުގައި ޝޯ ދޭނީ ޖުލައިމަހުގެ 12 ވަަނަ ދުވަހުއެވެ.

ހަބޭސް ގްރޫޕް ރިސީވް ކުރުމަށް ރަށު ރައްޔިތުން ނުކުމެ، ފޯރި ނަގަން ރާވާފައިވާއިރު، އެދުވަހު ހަވީރު ހަބޭސްގެ ސަގާފީ އައިޓަމްތަކެއް ހުށަހެޅުން އޮންނާނެއެވެ. އަދި އެރޭގެ މިއުޒިކް ޝޯގައިވެސް ހަބޭސްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

އިތުރު ގިނަ ހަރަކާތްތަކެއް!

ބާރަށުގައި އަޟްހާ އީދުގެ ފުރަތަމަ ދުވަހު، އީދު ނަމާދަށްފަހުގައި އޮތީ ހެނދުނު ސައެވެ. އެދުވަހު ހަވީރު ފުޓްބޯޅަ މެޗެއްވެސް އޮންނާނެެއެވެ. އަދި ރޭގަނޑު މިއުޒިިކް ޝޯއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަނެއް ދުވަހު އޮތީ ގިނައިން ސަގާފީ އެކި ކުޅިވަރުތަކެވެ. އެގޮތުން ބޮޑުފޮއެ ކުޅުމާއި، ކޯޑި ނެގުމާއި، ކުލަ ޖެހުމާއި، ފެން ކުޅި ކުޅުން އޮންނާނެއެވެ. އެރޭވެސް މިއުޒިކް ޝޯއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ބޮޑު އީދުގެ ތިންވަނަ ދުވަސް ހާއްސަ ވަނީ ކުޑަކުދިންނަށެވެ. އެދުވަހު ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. މި ހަވީރުގައި އެކި ގޭމްތަކާއި، ދެ ޖަމްޕިން ކާސްލް، އަދި ސުޕަރ ހީރޯ ކެރެކްޓަރުންތައް ފެންނާނެއެވެ. ކުޑަކުދިންގެ ހަވީރުގައި ގޭމް ކުޅެގެން އެކި އިނާމްތައްވެސް ހޯދޭނެއެވެ. އެރޭގައިވެސް މިއުޒިކް ޝޯއެއް އޮންނާނެއެވެ.

ޖުލައިމަހުގެ 13 ވަަަނަ ދުވަހުވެސް ބާރަށަށް އީދުގެ ފޯރި ކުޑައެއް ނުވާނެއެވެ. އެދުވަހު އޮތީ ހޭވައްލާ މަސްރޭހާއި، އެރޭހުގެ ނަތީޖާ ފާޅުކުރުމެވެ.

ބާރަށުގެ އީދު ކުޅިވަރުތައް ނިންމާލަން ހަމަޖެހިފައިވަނީ އަންހެނުންނަށް ހާއްސަ ކުޅިވަރުތަކުންނެވެ. އެގޮތުން ފަސް ވަނަ ދުވަހު އޮތީ ހެނދުނުން ހަވީރަށް، އަންހެނުންގެ އެކި ކުޅިވަރެވެ. އަދި އީދަށް ހާއްސަ ބޮޑު ބާބެކިޔުއާއެކު މިފަހަރުގެ އީދު ހަރަކާތްތަައް ނިންމުން އޮތީ އެރޭ އޮންނަ މިއުޒިކް ޝޯއިންނެވެ.