އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ރާއްޖެއަށް އެހީ ދިނުމަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ދެ ސަރުކާރުގެ ދެމެދުގައި 2020 ވަނަ އަހަރު ސޮއިކޮށްފައިވާ ”ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް“ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް އެހީގެ ގޮތުގައި 865،000 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

މިއެހީގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ތަކެއުޗި މިދޮރިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕްގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީދޭ ތިންވަނަ ފަހަރެވެ.

މިފަހަރުގެ އެހީގެ ދަށުން ސޯޝަލް ސައިންސަސްގެ ދާއިރާތަކުން ހަ މީހަކަށް މާސްޓާސް ޑިގްރީއަށް ޖަޕާންގައި ކިޔެވުމަށް ހުރިހާ ހަރަދެއް ކުރާނީ ޖަޕާން ސަރުކާރުންނެވެ.

މިސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ ޖަޕާންގައި ހުރި އެންމެ ރަނގަޅު ޔުނިވަސިޓީތަކުގައެވެ.