އެންމެ ފުރަތަމަވެސް ކޯލިޝަނަކާ ދިމާލަށް ދުވުމަކީ އެމްޑީޕީގެ މެމްބަރުން މާޔޫސް ވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ނުވަ މަސް ދުވަސް ފަހުން، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ފާޅުކުރައްވައި، 2023ގައިވެސް ކޯލިޝަނަކާއެކު ނުކުންނެވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަދި އެއް ޕާޓީއަކަށް އެކަނި ނުކުމެ ވެރިކަމެއް ނުހޯދެއެވެ.

ރައީސް ސޯލިހުގެ މި ވާހަކަފުޅާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މަޖިލިސް މެމްބަރު ވައްޑެ މިއަދު ވިދާޅުވީ 2008 ވަނަ އަހަރުގައި އުފެދުނު އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރުގެ މަަސައްކަތުން، ވޯޓުގެ ނިސްބަތް 25 އިންސައްތައިން 47 އިންސައްތައަށް އިތުރުވި ކަމަށެވެ. އަދި މި ސަރުކާރަށް އިތުރު ތިން އިންސައްތަ ހޯދޭނެ ކަމުގެ ޔަގީންކަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިސަރުކާރުގެ 5 އަހަރުން އިތުރު %3 ހޯދޭނެކަމުގެ އިތުބާރު ނެތަތީ، ޕާޓީ ބާއްވާފައި ފުރަތަމަވެސް ކޯލިޝަނަކާ ދިމާލަށް ދުއްވައިގަތުމަކީ އެމްޑީޕީ މެމްބަރުން މާޔޫސްވާނެކަމެކެވެ.

މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުންވާނަމަ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމުގައި ވިދާޅުވެފައެވެ.