ހުޅުމާލޭގައި އިތުރު ފަސް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރު ވަމުން އަންނައިރު، އިތުރު ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފަސް ސްކޫލެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ.
ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ.
އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއިއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.