ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ  މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ.

އެގޮތުން، ފަތުރުވެރިންނާއެކު ދަތުރުކުރަމުންދާ ސަފާރީއަކަށް ނުވަތަ ސަޕްލައި ދޯންޏަކަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ގަތުމުގެ ނަމުގައި ގުޅާ ކަމަށާއި، އެ ސަފާރީ ނުވަތަ ސަޕްލައި ދޯނި ހިމެނޭ ކަމަށްބުނާ ކުންފުނީގެ ނަމުގައި، ތަކެތި ވިއްކާ މީހުންނަށް ގުޅައި އެކި ބާވަތުގެ އަގުބޮޑު ތަކެއްޗަށް އޯޑަރުކުރާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެތަކެތި އެ މީހުން ގަންނާނީ އާންމުކޮށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި، ވިއްކާ މީހާއަށް ބޮޑަށް ފައިދާ ލިބޭގޮތަށް ކަމުގައި ބުނެއެވެ.  ވިއްކާ މީހާ މި ތަކެތި ޑެލިވަރީ ކުރުމުގެ ކުރިން، ކުށްކުރާ މީހުން އިތުރު ބާވަތުގެ ތަކެއްޗަށް އޯޑަރުކުރެއެވެ.

ފުލުހުން ބުނި ގޮތުގައި މިގޮތަށް ގަންނަން އޯޑަރުކުރާ ތަކެއްޗަކީ އެ ސަފާރީ ނުވަތަ ސަޕްލައި ދޯނީގެ ނަމުގައި އެ މީހުން ތަކެތި ގަންނަތަނަކުން ވިޔަފާރިވެރިޔާއަށް އަގުހެޔޮކޮށް (މިސާލަކަށް، ޔޯގަޓް) ގަނެދޭނެ ކަމަށްބުނެއެވެ. އަދި އެ މީހަކާ ގުޅޭ ނަންބަރު ހިއްސާކުރެއެވެ.

މި ކުށްކުރާ މީހުން މި ގޮތަށް ތަކެތި ގަންނަން ބޭނުންވެގެން ނަންބަރު ހިއްސާކުރާ މީހަކީ މި ކުށްކުރުމުގައި ހިމެނޭ މީހެކެވެ.

އަދި މިފަދަ ފަރާތްތަކަށް މުއާމަލާތުކޮށް އިތުރަށް ބޭނުންވާ ތަކެތި ގަންނަން އެކައުންޓަށް ޖަމާކުރާ ފައިސާއަކީ ކުށްކުރާ މީހުންނަށް ދެވޭ ފައިސާއެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މީހުން ގަންނަން ބޭނުންވެގެން ކަމަށްބުނެ އޯޑަރުކުރާ ތަކެތި މާލޭގައި ނަމަ ޓީޖެޓީއަށް، ހުޅުމާލޭގައި ނަމަ ލަކުޑި ޖެޓީއަށް ޑެލިވަރީ ކޮށްދިނުމަށްވެސް އެދޭ ކަމަށާއި،

މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަށް ތަފާތު އެކި ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.