ލުނބޮއަކީ ސިއްހީ ގޮތުން ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ.

Ads by Asuru

އެގޮތުން ވިޓަމިން ސީއާއި، ކެލްސިއަމްއާއި، ޕޮޓޭސިއަމްގެ އިތުރުން ފޮލޭޓްވެސް ލުނބޯގައި ހިމެނެއެވެ. ލުނބޯ ފެން ބުއިމަކީވެސް ސިއްހީ ގިނަ ފައިދާތަކެއް ހިމެނޭ ކަމެއް ކަމުގައި ދިރާސާ ތަކުން ދައްކައެވެ. އެގޮތުން އޭގައި އެންޓި-ކެންސަރ ބެނެފިޓްތަކެއް ހިމެނޭ ކަަމަށް ބަޔާން ކުރެވިފައިވެއެވެ.

މީގެއިތުރުން ހަޖަމު ކުރުމުގައި އެހީތެރިވެދިނުމާއި، ކިޑްނީގައި ހިލަ އުފެދުން ދުރުކޮށްދިނުން ފަދަ މުހިންމު ފައިދާތައް ލުނބޮއިން ލިބެއެވެ.

ޑީހައިޑްރޭޓްވެ ވަރުބަލިވުމުން ސަލާމަތްވުމަށް ވެސް ލުނބޯފަނި ވަރެއް ނެތެވެ.

ޑީހައިޑްރޭޓް ވުމަކީ ހަށިގަނޑުން ފެން މަދުވުމެވެ. މިކަން ދިމާވަނީ ހަށިގަނޑަށް ލިބެންވާ ވަރަށް ފެން ނުލިބޭތީއެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ލިބެންވާ މިންވަރަށް ފެންބޮވެނީ މަދު މީހަކަށެވެ. ބައެއް މީހުން ފެން ބޯހިތް ނުވަނީއެވެ.

އަނެއް ބަޔަކަށް ފެން ނުބައީއެވެ. މި ފަދަ ތަފާތު ސަބަބުތަކާއި ހުރެ ފެން ބޯންވީވަރަށް ނުބޮވޭ މީހުންވެސް ބޯންގެންގުޅޭ ފެންފުޅީގެތެރެއަށް ލުނބޯ ފޮތިކޮށްފައި އަޅާލައިގެން ނުވަތަ ލުނބޯގެ ހިތް ފެލައިގެން ލުނބޯފެން ބުއިމުން ޑީހައިޑްރޭޓް ވުމުން ސަލާމަތްވުމަށް އެހީއަކަށްވެއެވެ.

ލުނބޯ ފަަދަ ހުތް އެއްޗެސަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިން ސީ އިން މުއްސަނދި މޭވާތަކެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.

ލުނބޯ ފަޅިއެއް އެކި ފަހަރު މަތިން ފެނަށް އަޅައިގެން ބޭނުންކޮށްފި ނަމަ އެ ދުވަހަކަށް ބޭނުންވާ ވަރަކަށް ހަށިގަނޑަށް ވިޓަމިން ސީ ލިބޭނެއެވެ. އަދި މިއީ، ސްޓްރޯކް އާއި ކާޑިއޯވަސްކިއުލާ ބަލިތަކުން ސަލާމަތް ވުމަށްވެސް އެހީވެދޭ އެއްޗެކެވެ.

އާންމުކޮށް ދިވެހިން ކެއުމާއި އެކު ބޭނުން މިކުރާ ހަކުރު ގިނަ ފިޒީ ޑުރިންކްސްގެ ބަދަލުގައި ކެއުމާއި އެކުވެސް ލުނބޯފެން ބޭނުންކުރުމަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ފަސޭހަ ގޮތެކެވެ. މި ބުއިމުގެ ސަބަބުން ބަނޑުވެސް ފުރިފައި ފައިދާ ވެސް އެހާ ގިނައެވެ.