މީހަކު ނެތްތަނެއްގައި އެމީހެއްގެ ކޮންމެވެސް ވާހަކައެއް ދައްކާނުލައި ނުތިބެވޭ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ވަރަށް އާދައިގެ، ކުޑަ ކުޑަ ކަމަކަށް ހަދާލައިފައި، މި ކުރެވޭ ކަމަކީ ބޮޑުވެގެންވާ ފާފައެކެވެ.
މީހަކާއި ގުޅޭގޮތުން، އެމީހަކު ނުރުހޭނެ ފަދަ ވާހަކައެއް ދެއްކުމަކީ ”ޣީބަ“ ބުނުމެވެ. މިކަމުގެ ނުބައިކަން ކީރިތި ޤުރުއާނާއި ސުންނަތުން ވެސް އެނގެން އެބައޮތެވެ.
ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.
”އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ.“
ޣީބަ އަކީ ހަމައެކަނި ދުލުން ބުނެވޭ ބަހެއް ނޫނެވެ. ތިމާއަށް ކުރެވޭ ކިތަންމެ ކުޑަ އިޝާރާތަކުން ވެސް ޣީބަ ބުނެވިދާނެއެވެ. މިގޮތުން އެއްދުވަހަކު ޢާއިޝަތުގެފާނުގެ ގެއަށް އަންހެނަކު ޒިޔާރަތްކުރިއެވެ. އެ އަންހެންމީހާ އެނބުރި ދިއުމުން އެއީ ކުރު އަންހެނެކޭ ވިދާޅުވުމުގެ ނިޔަތުގައި އެކަމަނާ އަތުން އިޝާރާތް ކުރެއްވިއެވެ. އެތަން ދެކެވަޑައިގެން ރަސޫލާ(ސ.އ.ވ) ޙަދީޘް ކުރެއްވިއެވެ
”ކަމަނާ ޣީބަ ބުނެފިއެވެ. “
މިކަމުން ވެސް ހާމަކޮށްދެނީ، އެކަމުގެ ބޮޑުކަމެވެ. މީހުންގެ ވާހަކަ ދެއްކުން އުފަލަކަށް ހަދައިގެން އެކަން ކުރާއިރު، އެއީ ތިބާގެ ނުބައިކަމުގެ ފަތް ބަރުކުރަން ކުރެވޭ ކަމެއްކަން ހިތަށް ގެނައުން ވަރަށް މުހިންމެވެ.