ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށާއި، މިއީ މުޖްތަަމައުގައި ބަލީގެ ކޭސްތައް އިތުރުކަން އަންގައިދޭ ކަމެއް ކަަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް ބަލި، ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު، މިހާރު މިބަލީގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެއެވެ. އެ އެޖެންސީން ވަނީ، ކުރިއެކޭ އެއްގޮތަށް ބޭރަށް ނުކުންނައިރު، އެންމެން މާސްކު އަޅައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
Admitted cases are also becoming positive for covid infection. Which means,the no.of covid cases in the community is very high. So those who visit patients in the hospital, must be very cautious. And try to limit visitors as well. Its time to start the next line of defense. #4
— Dr. Mohamed Ali (@Moxamedalu) June 19, 2022
މިކަމާ ގުޅިގެން ޑރ.މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޮސްޕިޓަލުތަކުގައިވެސް ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނައިރު، ބަލި މީހުންނަށް ޒިޔާރާތް ކުރާ މީހުންވެސް މިކަމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
އަދި ބަލި މީހުންނަށް ޒިޔާރަތް ކުރެވޭނެ މީހުންގެ އަދަދު މަދު ކުރުމަށްވެސް ގޮވާލެއްވިއެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި މިއީ، ބަލިން ދިފާއު ވެވޭނެ ގޮތްތައް ވަރުގަދަ ކުރަންވީ ވަގުތެވެ.
ގިނަ ދުވަސްތަކަކަށްފަހު، އިއްޔެ ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކުވެސް ވަނީ ނިޔާވެފައެވެ. ނިޔާވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.