ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ މެދު އަކުރު އުވާލިޔަ ދީގެން ނުވާނެ ކަމަށް އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިންގ ސްޕޯކްސްޕާސަން، އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް، ޕްރައިމަރީއަކާ ނުލައި ލިބެން ޖެހޭ ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ދެކެއެވެ. އެހެންނަަމަވެސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެދެނީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ޕްރައިމަރީއެއް ބޭއްވުމަށެވެ.
ވައްޑެ ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން މެނުވީ ކައުންސިލް ކެންޑިޑޭޓުކަންވެސް ނުހޯދޭއިރު، މިޕާޓީގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ އެ ހަމަ އުވާލަން އުޅުމަކީ، އެ ޕާޓީގެ ޑިމޮކްރެޓިކް އުސޫލުތައް ފުނޑުފުނޑުކޮށްލަން އުޅުން ކަމަށެވެ.
”އެމްޑީޕީގެ މެދު އަކުރު އުވާލިޔަދީގެން ނުވާނެ.“ ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް ތާއިދު ކުރުމާއިމެދުގަޔާއި ރާއްޖެއަށް ބަރުލާމާނީ ނިޒާމެއް ގެނައުމާމެދު ދެކެވަޑައިގަންނަވާ ގޮތެއް، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިންތި ހާމައެއް ނުކުރައްވައެވެ.
ނަމަވެސް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ”ގަދަކޮށް ތާއީދު ކުރަން“ ކަމަށެވެ.