Ads by Asuru

ކައުންސިލްތަކުން ބާއްވަން ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން ޖުލައި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން ބާއްވާކަން މޭޔަރު އިޢުލާނު ކުރެއްވީ މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ މި ބައްދަލުވުމަކީވެސް މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންވާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއްކަމުގައެވެ.

މި ބައްދަލުވުމަކީ ރައްޔިތުންގެ ފަރާތުން ދެއްވަން ބޭނުންވާ ޚިޔާލުތަކަށް ފުރުޞަތުދެވިގެން ދާނެ ބައްދަލުވުމެއް

ޖުލައި މަހުގެ ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް އެރޭގެ ބައްދަލުވުމުގައި ފެނިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މި ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެ

މޭޔަރު ވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަޑައިގެންނެވުމަށް ދަޢުވަތު އަރުވާފައެވެ.