ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދިޔަ ދައުރާ ވޯކްޝޮޕް ނިމިއްޖެއެވެ.

Ads by Asuru

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 24 ޖޫން އިން 25 ޖޫންއަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިވޯކްޝޮޕްގެ ނިންމުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލްއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި މިވޯކްޝޮޕްގެ ސަބަބުން ޢިލްމުވެރިންނާ މިސްކިތްތަކުގެ އިމާމުންނާއި ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަކަމަށާއި، މުޖްތަމަޢަށް މިދިމާވާ ކަންކަމަށް ވަރަށް ބޮޑަށް މަޢުލޫމާތު ކަރުދާސްތަކުން އަލިއަޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި މިފަދަ ވޯކްޝޮޕެއް އިންތިޒާމުކުރެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއަށާއި، މިޞަރަހައްދުގައި ދީނީކަންކަން ކުރިއަށްގެންދާ ސަޢޫދީ ޢަރަބިއްޔާގެ މުއައްސަސާގެ މުލްޙަޤު ދީނީއަށް ޝުކުރު ދެންނެވިއެވެ.

އަދި އިސްލާމިކް މިނިސްޓްރީއާއި މިޞަރަހައްދުގައި ދީނީކަންކަން ކުރިއަށް ގެންދާ ސަޢޫދީ ޢަރަބިއްޔާގެ މުއައްސަސާއާއި ގުޅިގެން މިފަދަ އިތުރު ވޯކްޝޮޕްތައް ބޭއްވުމުގެ ފުރުޞަތު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގާވާ ފަރާތް ފަޟީލަތުއްޝައިޚް ބަދްރު ބިން ނާޞިރު އަލްޢިންޒީގެ ވާހަކަފުޅުގައި މި ވޯކްޝޮޕްގެ ސަބަބުން ދެމުއައްސަސާގެ ގުޅުމުގެ އިތުރުން ބައިވެރީންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެ ވަރުގަދަވެގެން ދާނެކަމަށް ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް ބަދްރު ބިން ނާޞިރު އަލްޢިންޒީގެ ނައިބު، ފަޟީލަތުއްޝައިޚް ޢަބްދުއްލަޠީފް ޢަބްދުއްޞަމަދު އަލްކާތިބް މި ވޯކްޝޮޕް ނިންމުމުގެ ޖަލްސާގައި ވަނީ ރާއްޖެ އަމަންއަމާންކަންމަތީގައި ބޭއްވުމަށް ޞައްހަ ޢަޤީދާގެ މަތީގައި ދިވެހިން ތިބުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންނާއި، ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ 80އަށްވުރެ ގިނަ ފަރާތުން ބައިވެރިވެޑައިގެންނެވިއެވެ.