ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުނިވަކިކުރަން ނިންމި ނިންމުމާއި އެކަމުގައި ގެންގުޅުއްވާ ބައެއް އުސޫލުތަކާއި ގުޅިގެން މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ރަސްމީ ސިފައެއްގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ 58 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ކުނި ވަކިކޮށް ހެދުމަކީ ރަނގަޅު ކަމެއްކަމަށާއި، ތިމާވެއްޓަށްވެސް ފައިދާހުރި ކަމެއްކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ވެމްކޯއިން ޢަމަލުކުރައްވާ އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވަނީ ވަރަށް ބޮޑު ތަކުލީފެއްކަމަށް މޭޔަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެނަށް ވަރަށްބޮޑު ކަންބޮޑުވުމެއް ކުރިމަތިވެގެން އައީ ވެމްކޯއިން ކުނި ވަކިކޮށްގެން ނެރެން އެންގި އެންގެވުމާއި ގުޅިގެން. ރައްޔިތުންނަށް ދިމާވި ދަތިކަން،ޙަޤީޤަތުގަ ރަނގަޅުކަމެއް ކުނިވަކިކޮށް ޕްލާސްޓިކް ވަކިކޮށް އަދި އެހެނިހެން ތަކެތި ވަކިކޮށްގެން ނެރުމަކީ. ރިސައިކަލް ކުރުމަށް ތިމާވެއްޓަށް ވަރަށް ފައިދާހުރިކަމެއް.އެހެންނަމަވެސް އެ ޕްރޮސެސް އެ ގެންދަމުންދާގޮތުގައި ރައްޔިތުންނަށް ހުރި ތަކުލީފް “
މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސެޕްގައި ހުރި ތިމާވެއްޓާއި ގުޅޭ އެކިއެކި ކަންކަމުގެ ތެރެއިން، ރައްޔިތުންނަށް ކުނި ވަކިކުރުމުގަ ކައުންސިލްގެ ދައުރެއް އަދާ ކުރެވޭނެ ގޮތެއް ބެލުމަކީ ކައުންސިލުން ކުރުން ރަނގަޅުކަމެއް ކަމަށެވެ.
ވެމްކޯ އަކީ ވިޔަފާރި އުސޫލުން މަސައްކަތްކުރާ ކުންފުންޏެއްކަމުން ރައްޔިތުންނަށް މާބޮޑު އިޖްތިމާޢީ ފައިދާއެއް ކުރާނެ ނުވަތަ ފޯރުންތެރިކަން ހުންނަ ގޮތަކަށް ނުވިސްނަފާނެ ކަމަށާއި، އެހެންކަމުން ސިޓީ ކައުންސިލްގެ އެންވަރމަންޓް ކޮމެޓީ އާއި ކައުންސިލް ގުޅިގެން ނަމަވެސް ރައްޔިތުން މިކަމަށް ހޭނި އަމިއްލައަށް މިކަން ކުރެވެންދެން ކުނިވަކިކުރުމުގައި ކޮންމެވެސް މަގެއް ފަހިކޮށްދޭން އެދިވަޑައިންނަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
”އެއީ 3 ވައްތަރުގެ ކުނި ވަކިކުރުމަށް ބޭނުންވާ ކޮތަޅު ރައްޔިތުންނަށް ދިނުން ކަމުގައިވިޔަސް،އެ ބޭނުންވާ ވަސީލަތް ފޯރުކޮށްދިނުމުގައި ބައެއް ޑޯނަރސް އާ އަޅުގަނޑުވެސް އެބަ ވާހަކދައްކަން. އެހެން ނަމަވެސް ރަސްމީ ގޮތެއްގަ ކައުންސިލުން ހިންގަވާށޭ މިކަމުގަ މަސައްކަތްކުރަން. ރައްޔިތުންނަށް ފަސޭހަތަކެއް މިކަމުގައި ވާންޖެހޭ.“
ކުނި ވަކިކުރުމާއި ގުޅޭގޮތުން ކައުންސިލަރު ސައިފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުނިވަކިކުރަން ފަށައިގެން އުޅޭއިރު މިކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށާއި، ސިޓީ ކައުންސިލް މެދުވެރިކޮށް މިއަށްވުރެ ރަނގަޅުގޮތެއް މިކަމުގައި ހޯދުމަށް ބޭނުންތެރިކަމަށް ފެންނަކަމަށެވެ.
މި ކަމާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މިކަމުގައި އެންމެންވެސް އުންމީދު ކުރަނީ އެއް ނަތީޖާއަކަށް ކަމަށްވީނަމަވެސް ރަނގަޅުނުވެގެން އުޅެނީ މިކަން ގެންދަން އުޅޭގޮތް ކަމަށެވެ.