ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެއްބާރުލުން ދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އެކަމުގައި ވެދެވެންއޮތް ހުރިހައި އެހީތެރިކަމެއް ދެމުންގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު، ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތަށްވުމީ ލިބިވަޑައިގެންނެވި ޚާއްޞަ ޝަރަފެއްކަމަށާއި އަދި ވަކިން ޚާއްޞަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއްކަމުގައި ވިދާޅުވެފައެވެ.

މިގޮތުން އެކިއެކި މަޢުޟޫއުތަކުން މަޝްވަރާކުރައްވައި ތުރުކީގެ ރައީސްއާއި އަދި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ޤައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާއުކުރެއްވުން ކަމުގައި ވިދާޅުވެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވަޢުދުފުޅުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.