ރާއްޖެއާއި ތުރުކީގެ މަސްވެރިންނާއި، މަސްވެރިކަމުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް މުސްތަފާ ޓުޒްކޫ އާއެކު އިއްޔެ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި ގާއިމުވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ވެސް ފާހަގަ ކުރައްވައިފައެވެ.

ދިވެހި ރައްޔިތުން ތިބީ މިހާރަށްވުރެ ފާގަތި ގައުމީ ތަރައްގީއެއްގެ އިންތިޒާރުގައިކަން ފާހަގަ ކުރައްވައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއިވއެކަން ހާސިލުކުރުމަށްޓަކައި ޓަރކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.