ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަސީރުން މިނިވަން ކުރުމާއި، ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމަށް، ފަލަސްޠީނުގެ މުޖާހިދުންނާއި ޔަހޫދީންނާއި ދެމެދު ބަދަލު ކުރަމުން ދިޔަ ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލުމަށްފަހު އަނެއްކާ ވެސް ފަށައިފިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާ އާއި ހަވާލާދީ، އަލްޖަޒީރާ ނޫހުން ބުނީ، ޔަހޫދީން ޣައްޒާއަށް އަނެއްކާ ވެސް ބޮން އަޅަން ފެށި ފަހުން، ފަލަސްޠީނުގެ ގިނަ މުސްލިމުން ޝަހީދު ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލުން މިހާރު ވެސް ބޮން އަޅައިފައިވާ ޣައްޒާގެ ދެކުނަށް ލީފްލެޓްތަކެއް އަޅައި، ސަރަހައްދު ދޫކޮށް ދިޔުމަށް އަންގަމުންދާއިރު، މިއީ ކުރިއަށް އޮތްތަނުގައި ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިޝާރާތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެލްތު އޮފިޝަލުން ބުނީ ޣައްޒާގެ ދެކުނުގައިވާ ރަފަހްއަށް އިޒްރޭލުން ދިން އައު ވައިގެ ހަމަލާއެއްގައި ފަސް މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށެވެ. މި ހަމަލާ އަމާޒުކޮށްފައި ވަނީ މީހުން ދިރިއުޅެމުންދިޔަ ދެ އިމާރާތަކަށެވެ. މިއާއިއެކު، އިޒްރޭލުގެ ހަމަލާތަކުގައި މިއަދު އެކަނި ޝަހީދުކޮށްލި މީހުންގެ އަދަދު 37އަށް އަރައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ު