މިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 205 މައްސަލައިގެ ތެރެއިން 90 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ.

އެގޮތުން މިބާވަތުގެ 25 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޖިސްމާނީ އަނިޔާގެ 19 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އާއި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއްގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.