ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުތަކަށް ދަޢުލަތުން ކުރާ ޚަރަދު ހާމަ ކުރަން ނިންމެވި ނިންމެވުމަށް، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ތަޢުރީފު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދަޢުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިކަމަށް ތަޢުރީފު ކުރައްވައި، މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު ޝިޔާމް ވިދާޅުވީ، ރައީީސް މުޢިއްޒުގެ ނިންމެވުމަކީ ތާރީޚީ ނިންމެވުމެއް ކަމަށެވެ.
”ދެ ފުށް ފެންނަ ވެރިކަމެއްގެ މުހިންމު ފިޔަވަޅެއް. މަރުޙަބާ ރައީސް.“ މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލް ޖުމްޙޫރިއްޔާ ޑރ. @MMuizzu ގެ މިނިންމެވުމަކީ ތާރީޚީ ނިންމެވުމެއް. ދެފުށްފެންނަ ވެރިކަމެއްގެ މުހިއްމު ފިޔަވަޅެއް. މަރުޙަބާ ރައީސް. https://t.co/I1YVpoUAII
— Ahmed Shiyam (@Shiyamaldives) December 2, 2023
ދެ ފުށް ފެންނަ، ސާފު ވެރިކަމެއް ކުރެއްވުމަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް މުޢިއްޒު ތަކުރާރު ކުރައްވަމުން ގެންދެވި ވަޢުދުފުޅެކެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ވެސް، ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
