ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާ ޙަވާލުކުރައްވާފައި މިވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.

ރަމީލާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށެވެ. އެކަމަނާ ވަނީ، އެ ބަލީގެ ހަތަރު ވަނަ ސްޓޭޖުގައެވެ.

މިނިސްޓަރު ރަމީލާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ ބަރު ހިތަކާއިއެކުގައި ކަމަށް ވިދާޅުވެ އެންމެންގެ ހެޔޮ ދުޢާ އަށް އެދިވަޑައިގެންފައެވެ.