ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާ މިހެން ވިދާޅުވީ، މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އަދި ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫން ކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައި ވެސް ބަލައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ އަކީ މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ސާޖިދާ ވަނީ މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ.