ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ، މަޤާމުން ދުރުކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރެއަށް ތާވަލުކޮށްފިއެވެ.
މިއަދުގެ ޖަލްސާއަށް، އީވާ ވަކި ކުރުމުގެ ޤަރާރު ހުށަހަޅައި، ދިފާޢުވާން އީވާއަށް އެރުވި ފުރުޞަތުގައި ވާހަކަ ދެއްކެވުމަށް ފަހު ނިންމަވައިލައްވަމުން، އީވާ ވަނީ މަޤާމުން ވަކިވާން ނިންމަވައި، އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައިފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އީވާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންކަން ހާމަކުރައްވައިފައެވެ.
އްދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކުގައެވެ.
މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައި ވަނިކޮށް އެމަނިކުފާނު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
