އދ.ދިގުރަށުގައި ކުނިގޮނޑުގެ ތެރޭގައި، ކޮތަޅަކަށްލައި އެއްލައިލައިފައިވާ ކުއްޖާ ވިހެއި ބިދޭސީ މަންމަ ހައްޔަރު ކޮށްފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރަން މަސައްކަތް ކުރަނީ އުމުރުން 30 އަހަރުގެ ސްރީލަންކާގެ އަންހެނެއް ކަމަށެވެ. ފުލުހުން ކުރިން ބުނީ، އޭނާ ހައްޔަރު ކުރީ ފުރަން މާލެ އައިސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ.
ހައްޔަރު ކުރަން އުޅޭ އެ އަންހެންމީހާ އަކީ އެ ރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އަންހެނެއްކަން އެނގިފައިވެއެވެ. މި މައްސަލައިގައި، މަރުވި ކުއްޖާގެ ފޫޅުވެސް އޮތީ ނުކަނޑާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 ހާއިރު ފުލުހުންނަށް ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެއެވެ.
”އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދީފައި.“ ފުލުހުން ބުންޏެެވެ.