ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީީސް މުޢިއްޒު މިކަން ހާމަކުރެއްވީ ޔޫއޭއީގައި ބޭއްވި ކޮޕް28 ސަމިޓަށްފަހުގައި، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާ ސިފައިން ބޭލުމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ވަރަށް މުހިންމު ވަޢުދެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ހާމަކޮށްފައެވެ.

ރައީީސް ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވައިލުމާއި ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރާއިއެކު، ފަސް ބައްދަލުވުމެއް އެންމެ މަތީ ފެންވަރުގައި ބޭއްވިފައިވާ ކަމަށެވެ.

އަދި އެ ޤައުމުގެ ސިފައިން ފޮނުވައިލުމަށް، ހުވައި ކުރެއްވި ދުވަހު ނޫން އަނެއް ދުވަހު، ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ދެންނެވިކަން ފާހަގަކުރެއްވިއެވެ.

”ވަރަށް ތަފްޞީލުކޮށް މި ވާހަކަ ދެކެވިފައި ވަނީ، އެހެންވީމަ، މިއަދާއި ހަމައަށް އައިއިރުގަ، ގާތްގަނޑަކަށް ހަތަރެއް، ހަތަރު ފަސް ބައްދަލުވުމެއް އެންމެ އިސް ލެވެލްގައި އެ ޤައުމުގެ ވެރިންނާއިއެކު މި ވަނީ ބޭއްވިފަ.“ ރައީސް ވިދާޅުވިއެވެ.

”އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާއި، މިއަދާއި ހަމައަށް އައިއިރު، ކުރެވުނު ހުރިހައި މަސައްކަތެއްގައި، އިންޑިއާ ސަރުކާރުން އެއްބަސްވެފަ ވަނީ، ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގަ މަސައްކަތްތައް އެބަ ކުރެވޭ، ދެ ޤައުމުގެ ޓެކްނިކަލް ލެވެލްގަ، މަސައްކަތް އެބަ ހިނގާ.“ އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ރައީީސް ވަނީ އިންޑިއާ ސިފައިން ބޭރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ވަރަށް ވިސްނުންތެރިކަމާއިއެކު، މަރުޙަލާތަކަށް ބަހައިލައިގެން ކަމަށާއި، މިހައިތަނަށް ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި އެ ވާހަކަ ދެކެވުނުއިރު، މިހާރު ކުރަނީ ސިފައިން ގެންދާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

ރައީސް އިތުރަށް ދާޅުވީ ކޮޕް28 ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުވެވަޑައިގަތުމުން، ދިވެހީންގެ ޑިމޮކްރެޓިކް ނިންމުމަށް އިޙްތިރާމް ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.

”ބައްދަލުވުމުގައި(މޯދީ) ވިދާޅުވި ތިމަންނަމެން ރެސްޕެކްޓް ކުރަމޭ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް. ދެ ޤައުމުގެ ގުޅުން މުހިންމޭ.“

 

ކޮޕް 28ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވަނީ

ުރާއްޖޭގެ ރައްޔިތުން، ރިޔާސީ އިންތިޚާބުގައި، އިންޑިއާ ސިފައިން ބާލަން ނިންމި ނިންމުމަށް އިޙްތިރާމް ކުރުމަކީ ދެ ޤައުމަށް ވެސް ރަނގަޅު ގޮތްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހި ވާނެ ކަމަށް މޯދީ ވިދާޅުވި ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.