ފަސްޓްކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅުވެނުލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީއަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުތަކަށް ހިންގާ ޚަރަދުތައް ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ.
އަދި އެ މައުލޫމާތު އެއްކޮށް ނިމުމުން އެއަށްވުރެ އަވަހަށްވެސް އެ މަޢުލޫމާތު ހާމަކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މައުލޫމާތު ހާމަކުރެއްވުމުގެ އިތުރަށް އެ ދަތުރުފުޅުތަކުގެ ޚަރަދު ވީހާވެސް ކުޑަވާނެ ގޮތަކަށް ބެލެހެއްޓެވުމަކީ އިސްކަންދެއްވާނެ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނާއެކު ދަތުރުކުރާ ވަފުދުގައިވެސް ކޮންމެހެން ހިމެނިވަޑައިގަންނަވަންޖެހޭ ބޭފުޅުން ނޫނީ ނުހިމަނުއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ދަތުރުފުޅުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން އެމަނިކުފާނާއި ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފުވެސް ނިންމަވާފައިވަނީ ފަސްޓު ކުލާހުގައި ދަތުރުނުކުރެއްވުމަށް ކަމަށާއި، ތުރުކީ ދަތުރުފުޅުގައި ބިޒްނަސް ކުލާހުން ޖާގަ ލިބިވަޑައިނުގަތުމުން އެމަނިކުފާނަށް ދަތުރުކުރައްވަން ޖެހިވަޑައިގަތީ ފަސްޓު ކުލާހުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބިޒްނަސް ކުލާހަށްވުރެ މަތީ ފަންތީގެ ކުލާހުގައި ދަތުރުނުކުރެއްވުމަކީ އެމަނިކުފާނުގެ ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ.

އަދުރޭ އެންޑް ހިސް ފެމިލީ ދޯ ފަސްޓް ކްލާހުގަ ދެން ދަތުރުކުރާނީ!!