އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 30 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ އަންހެނެކެވެ.

އެ އަންހެންމީހާ އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކުރީ ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ލަންކާއަށް ފުރަން ގޮސް ހުއްޓައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މި މައްސަލައިގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:20 ހާއިރުއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ. ފެނުނުއިރު، ފޫޅުވެސް ވަކިނުވާ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުއިރު ފުރާނަ ނެތް ކަމަށް މަޢުލޫމާތު ލިބެއެވެ.