މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ އައު ސީ.އީ.އޯ މުޙައްމަދު ވަޖީހު އިބްރާހީމް، އެ ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް، ރަނގަޅު ކުރުމަށް އެކި ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ވަޖީހު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ޓީމާއި އިއްޔެ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އެމްޕީއެލް އިން ބުނީ، ސީއީއޯ ވަޖީހު ޕޮލިސް ކްރައިމް ޕްރިވެންޝަން ޓީމާއި ބައްދަލުކުރައްވައި މުހިންމު ކަންކަމާއި ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ. ނަމަވެސް ބައްދަލުވުމުގެ އިތުރު ތަފްޞީލެއް ނުދެއެވެ.
ވަޖީހު ވަނީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު(އަސްވާޑު) އާއި ވެސް ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އެމްޕީއެލް އާއި ޔޫތު މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެކުންފުނިން ބުނެއެވެ.

ވަޖީހު ވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދީލް ޖަލީލާއި ވެސް ބައްދަލުކުރައްވައި، ދެ ކުންފުންޏަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެއިތުރުން އެމްޕީއެލްގެ ސީއީއޯ ވަޖީހު އިއްޔެ ވަނީ ފިއުލް ސަޕްލައިސް މޯލްޑިވްސް( އެފް.އެސް.އެމް)ގެ ސީނިއާ މެނޭޖްމަންޓް ޓީމާއި ބައްދަލުކުރައްވައި، ގުޅިގެން އެކުގައި ކުރިއަށްދެވޭނެ ކަންކަން ދެނެގަނެ، މުހިންމު ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެމްޕީއެލްގެ ސީ.އީ.އޯގެ މަޤާމާއި ޙަވާލުވެވަޑައިގެން، ވަޖީހު ވިދާޅުވީ އޭނާގެ އަމާޒަކީ 48 ގަޑިއިރުގެ މަސައްކަތް، 24 ގަޑިއިރުން ކުރެއްވުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި، ވަރުބަލިކަމެއް ނެތި، ދެމި ހުންނަވާނެ ކަމަށެވެ.
ވަޖީހު އަކީ 2013 ވަނަ އަހަރުން ފެށިގެން އެމްޕީއެލްގެ ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
އަދި މީގެ ކުރިން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުވެސް ވަޖީހު ވަނީ އަދާކުރައްވައިފައެވެ.
