ސަރުކާރުގެ ޚަރަދުގައި މި އަހަރު 50 މީހުން ޙައްޖަށް ފޮނުވުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަ ކުރެއްވިއެވެ.

އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި އަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން, ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އަމަލުކުރައްވާނީ، ޤައުމުގެ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ވިދާޅުވިއެވެ.

އަދި މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.