ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރައްވަން ވަޢުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން، ރައްޔިތުންނާއި ގުޅުންހުރި މުހިންމު 10 ވަޢުދުފުޅެއް ފުއްދަވައިދެއްވުމުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ރައީސްއަށް ތަޢުރީފު ކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވަވައި، ރައީސް މުޢިއްޒު ނިންމެވި ކަންކަން:
- ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް 50 އިންސައްތައަށް ކުޑަކޮށްދެއްވުން.
- މެޑިކަލް ޗެކަޕަކީ އާސަންދައިގެ ދަށުން ލިބޭ ޚިދުމަތެއްގެ ގޮތުގައި ހިމެނުއްވުން.
- ސަރުކާރުގެ ޚަރަދުގައި، ނިކަމެތިން ޙައްޖަށް ދެވޭނެ ގޮތް ހައްދަވައިދެއްވުން.
- ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި، ފަޅުފަޅާއި ރަށްރަށް ކައުންސިލުތަކާއި، ޙަވާލު ކުރެވޭނެ ގޮތަށް އުސޫލުތަކެއް ހަމަޖެއްސެވުން.
- ފާޓިލިޓީ ކެއަރ ސެންޓަރެއް ޤާއިމުކުރެވި، ތިރީސް މިލިއަން ރުފިޔާގެ ފާޓިލިޓީ ކެއަރ ފަންޑެއް ހަމަޖައްސަވަން ނިންމެވުން.
- އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދައިގެ ތެރެއަށް ގެންނެވުން
- ހިޔާ ފްލެޓްގެ ކުލި، ހަތް އަހަރަށް 3،984 ރުފިޔާއަށް ކުޑަ ކުރެއްވުން.
- ރަށްރަށުގެ ހުރިހައި ސޯޝަލް ހައުސިން ޔުނިޓްތަކުގެ އަގު ކުޑަ ކޮށްދެއްވުން.
- މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ނިންމެވުން.
- އަންނަ އަހަރުން ފެށިގެން ސްކޫލްތައް ޤައުމީ ސަލާމުން ފަށާ ގޮތަށް ނިންމެވުން.
މިކަން ފާހަގަކުރައްވައި ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ހަފްތާ14ގެ ވަޢުދުނާމާގެ މުހިންމު 10 ވަޢުދުފުޅު ފުއްދަވަން ނިންމެވީ، މިއަދު 7 ގަޑިއިރަށް ދެމިގެންދިޔަ ކެބިނެޓުގެ ބައްދަލުވުމުގައި ކަމަށެވެ.
ރައީސް ނިންމެވި 10 ވަޢުދުފުޅަކީވެސް ދިވެހި ރައްޔިތުންނާއި ސީދާ ގުޅުންހުރި ރައްޔިތުންގެ ހެވާއި ލާބަޔަށް ނިންމެވި މުހިންމު ނިންމެވުންތަކެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. @MMuizzu ގެ ހަފްތާ14 ގެ ވަޢުދުނާމާގެ މުހިއްމު 10 ވަޢުދުފުޅެއް މިއަދު 7 ގަޑި އިރަށް ދެމިގެންދިޔަ ކެބިނެޓުގެ ބައްދަލުވުމުން ނިންމެވި 10 ވަޢުދުފުޅަކީވެސް ދިވެހި ރައްޔިތުންނާ ސީދާ ގުޅުންހުރި ރައްޔިތުންގެ ހެވާލާބަޔަށް ނިންމެވި މުހިއްމު ނިންމެވުންތަކެއް. pic.twitter.com/eph8dyGvAF
— Ahmed Shiyam (@Shiyamaldives) December 5, 2023
ރައީސް މުޢިއްޒު މިއަދު އިޢުލާނު ކުރެއްވެވި ނިންމެވުންތަކާއި ގުޅިގެން އެމަނިކުފާނަށް ގިނަ ބަޔަކު ދަނީ ތަޢުރީފުކޮށް، ޝުކުރު އަދާ ކުރަމުންނެވެ.
ރައީސް މުޢިއްޒުގެ ”ހަފްތާ14“ މަގުޗާޓުގައި ގިނަ ކަންކަން ހިމަނުއްވައިފައިވާއިރު، ކޮންމެ ވަޢުދުފުޅެއް ވެސް މުހިންމު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
