އައިވީއެފްގެ ފަރުވާ އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް ހަމަޖައްސަވައިފި

އާސަންދައާ ގުޅޭގޮތުން 3 ކަމަކަށް މިސަރުކާރުން ވަޢުދުވެފައިވާކަން ފާހަގަކުރައްވައި، އެކަންކަމާގުޅޭ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މައިގަނޑު އެއް ސިޔާސަތުކަމަށެވެ.

އެހެންކަމުން އާސަންދައިގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގޮތުގައި މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެކި އުމުރުފުރަޔަށް ބަހާލައިގެން އެކިކަހަލަ ޕެކޭޖްތައް ކަނޑައަޅައި ޢިއުލާން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮކްޓަރުން ވަކި ކަމަކަށް ލަފާ ދީފިނަމަ، އެ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހެދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުގެ ސަބަބުން ޤައުމުގައި ފެތުރޭ ގައިންގަޔަށް ނާރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި، ރައްކާތެރިގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަށް އެހީތެރިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާސަންދައާ ގުޅޭ ދެވަނަ ވަޢުދެއްގެ ގޮތުން، އާސަންދައިގެ ތެރެއިން ރާއްޖެއިން ބޭރު ޤައުމެއްގައި ފަރުވާ ހޯދުމުގައި، ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލައަށް އިތުރަށް ކުރަންޖެހޭ ޚަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ.

އަދި މިކަން ކުރައްވާނެ ގޮތުގެ ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އާސަންދަ ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައަޅުއްވާނެ ކަމުގައެވެ.

އަދި ބަލިމީހާ ބޭނުންވާ ހާލަތެއްގައި އެއްގްރޭޑުގައި ހިމެނޭ ހޮސްޕިޓަލް އަނެއް ގްރޭޑުގައި ހިމެނޭ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާއިރު، އިތުރަށް އަމިއްލައަށް ދައްކަންޖެހޭ ފައިސާ އާސަންދައިން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާސަންދައާ ގުޅޭ ތިންވަނަ ވަޢުދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވަނީ، ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމެވުމެވެ.

އަދި ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމްގެ ޤަވާއިދު އިޞްލާހުކޮށް ގެޒެޓްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެކަމަށް އުޞޫލެއް އެކުލަވާލައި އެކަންވެސް އިއުލާން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުންވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި، ރާއްޖެއިން ބޭރުގައި ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ޚިދުމަތް ލިބޭނެ ހޮސްޕިޓަލްތައް ކަޑައެޅިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ އަށް ޚާއްޞަކޮށް މިހާރު އައި.ޖީ.އެމް. ހޮސްޕިޓަލުގައި ހުރި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ޤާއިމު ކުރެވިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ ފަންޑެއް ސަރުކާރުގެ ބަޖެޓުން ޤާއިމު ކުރައްވާނެކަމުގައިވެސް އެމަނކުފާނު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.