ހިޔާ މަޝްރޫޢުގެ ދަށުން އަޅައިފައިވާ ފްލެޓުތަކުގެ ކުލި ކުޑަ ކުރުމަކީ ”‏މުޅިން އެހެން ވަޢުދެއް“ ކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ ޢަލީ މަނިކު(މޫކޭ) ‏ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދުގެ އެވްރެޖް އަގެއްގެ ގޮތުގައި ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވަނީ ދެ ލައްކަ ރުފިޔާއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމެވުންތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފްލެޓް ފިނިޝިންއަށް ކުރި ޚަރަދުން ދެ ލައްކަ ރުފިޔާ އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫކޭ ވިދާޅުވީ ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަތީ، އަދި ޕްރޮމޯޓް ކުރީވެސް ދެލައްކަ ރުފިޔާ ދިނުމަށް ކަމަށެވެ.

”ހިޔާގެ ވެރިން ތައްޔާރުވެގެން ތިބީވެސް އެ ދެލައްކަ ރުފިޔާ ހޯދުމަށް. ކުލި ކުޑަ ކުރުމަކީ އަދި މުޅިން އެހެން ވަޢުދެއް. އޮޅުވާލައިފި.“ އޭނާ ވިދާޅުވިއެވެ.

މޫކޭގެ ޕޯސްޓުގައި ވަނީ، ދެލައްކަ ރުފިޔާ ދޭނެ ކަމަށް ބުނެ، ޝާއިޢުކޮށްފައިވާ ޚަބަރަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގެ ސްކްރީންޝޮޓް ވެސް ހިއްސާ ކުރައްވައިފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަށް ދިން ލުޔާއިއެކުގައި، އެ ފްލެޓްތަކުގެ ވެރިން އެތަންތަނަށް ކުރިއަށް އޮތް ހަތް އަހަރު ދުވަހު ވެސް ދައްކަން ޖެހޭނީ، މަހަކު 3،984 ރުފިޔާއެވެ.

ސަރުކާރުން އިއްޔެ ވަނީ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ކުރިން ދައްކަންޖެހިފައިވާ އަދަދު 50 އިންސައްތައަށް ކުޑަކޮށްދިނުމާއިއެކު، ވިނަރެސް ފްލެޓަށް މިހާރު ކުލީގެ ގޮތުގައި ދައްކަމުންދާ އަދަދުން އެވްރެޖުކޮށް 4،200 ރުފިޔާ އުނިކުރުމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައިވެސް އިއްޔެއިން ފެށިގެން ދެން ދައްކަންޖެހޭނީ މަހަކު 3،330 ރުފިޔާ ކަމަށެވެ.