ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމުން، ޕީއެންސީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ޝިފާޤު މުފީދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ބެލުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކަށް ބެލިއިރު، އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައެއް ލިޔެކިޔުންތަކުން 77 ސިފައިން ތިބިކަމަށް ފެންނައިރު، އެހެން ލިޔުންތަކުން 89 އެއްހައި ސިފައިން ތިބިކަމަށް ފެންނަ ކަމަށް ވެސް ރައީީސް މުޢިއްޒު ވިދާޅުވިއެވެ.

މިވާހަކަފުޅާއި ގުޅިގެން ޕީޕީއެމުން އިސްތިއުފާ ދެއްވައި، ޕީއެންއެފްއަށް ސޮއިކުރެއްވި ޝިފާޤު ވިދާޅުވީ، އަސްކަރިއްޔާއާއި ޤައުމީ ސަލާމަތާ ގުޅުންހުރި މިވަރުގެކަމެއް ކޮމާންޑަރ އިންޗީފް އަދި ޤައުމީ ސަލާމަތީ މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ އެންމެމަތީ ވެރިކަމުގައި ހުންނެވި މީހަކަށް ނުހޯދޭކަމުގައިވާނަމަ، އެ ދައްކަވާ ޤައުމިއްޔަތާއި ވަޠަނިއްޔަތާއި މިނިވަންކަމުގެ ވާހަކައަކީ ހޮޅިވާހަކަތަކަކަށް ނޫނީ ނުވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަކީ ރިވެތި ހަމަތަކުގެ ތެރެއިން، ކުރެވޭނެ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އިންޑިއާ ސިފައިން ފޮނުވައިލުމަށް، އެ ޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާއިރު، އެ ޤައުމުން ވެސް، ދިވެހީންގެ އެ ނިންމުމަށް އިޙްތިރާމް ކުރާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.