ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އައު ލީޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބު ކޮށްފިއެވެ.
ޕީއެންސީގެ ރައީސް މުޢިއްޒު އެ މަޤާމަށް އިންތިޚާބު ކުރީ، މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ހަ ވަނަ ބައްދަލުވުމުގައި ބައިވެރިވި 103 ސެނެޓަރުންގެ އިއްތިފާޤުންނެވެ.

ސީ ޓްރެކްސް އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި، މިރޭ ވަނީ ޕީއެންސީގެ އޮފީސް ހުޅުވައިފައެވެ. މި އޮފީސް ހުޅުވައިދެއްވީ ރައީީސް މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވީ، އޮފީސް ހުޅުވިގެން ދިޔުމަކީ ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތަކުގެ ފެށުން ކަމަށާއި، ކުރިއަށް އޮތްތަނުގައި، ދެ ޕާޓީ އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ އައު ލީޑަރަކަށް ރައީީސް މުޢިއްޒު އިންތިޚާބު ކުރެއްވިއިރު، ކުރީގެ ރައީީީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެ ކޯލިޝަނުން ވަކިވެވަޑައިގަންނަވައިފައެވެ. އަދި އެމަނިކުފާނު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރަައްވަމުންނެވެ.
