އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޢަލީ ވަހީދު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އޭނާ އަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުގެ މަޤާމު، އެންމެ ފުރަތަމަ ފުރުއްވި ބޭފުޅާއެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެންނެވެ.

 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ވަހީދު ވިދާޅުވީ ހަތް އަހަރާއި ހަތް ދުވަހަށް ފަހު އަލުން އަނބުރާ އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

”އިރާދަފުޅުން އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚދުމަތް ކުރާނަން,“ އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ޢަލީގެ ސިޔާސީ ޙަޔާތް ފެއްޓެވީ އެމްޑީޕީ އާއި ދެކޮޅަށް އޮތް އެންމެ ބޮޑު ޕާޓީ، ޑީއާރުޕީންނެވެ.