ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅު ފުއްދެވުމަށްޓަކައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާކޮށްފައިވާ ހިޔާ ފްލެޓްތަކަށް ލިފްޓް އިތުރު ކުރުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.
އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި، އާބަންކޯގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވަނީ އެ މަސައްކަތް މިހާރު ފަށައިފައިވާކަން ފާހަގަކުރައްވައިފައެވެ.
”14 ވީކްސްގެ ޕްލެޖެއް(ރައީސްގެ 14 ހަފްތާގެ ވަޢުދެއް) ނޫންތޯ؟ އޭގައި ހިމެނޭ ކަމެއް ތި ވިދާޅުވަނީ. އަޅުގަނޑުމެން މަސައްކަތް ފައްޓައިފިން. ޑޭ ވަން އިން ފައްޓައިގެން.“ ފަޒުލް ވިދާޅުވިއެވެ.

ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރު ކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ކުރިން ވިދާޅުވީ އިތުރު ކުރާނީ ސްޓްރެޓަރ އުފުލޭވަރުގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށެވެ.
ކުރީގެ ރައީީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓްގެ 25 ފަންގިފިލާގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެއެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ.
