ޤާބިލު ކަމަކީ ވަކި ޖިންސަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

 

 

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯ މަޤާމަށް އައްޔަން ކުރި ހީނާ ވަލީދަށް އެ ކުންފުނީގެ މުވައްޒަފުން މަރުޙަބާ ކިޔައިފައިވާކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓު ހިއްސާ ކުރައްވައި، ދުންޔާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރަމުންދާތީ އުފާ ކުރައްވާ ކަމަށެވެ.

އެކަމަނާ ވަނީ މަތީ މަޤާމުތައް ފުރުއްވަމުން އަންނަ އަންހެނުންނަށް ފާޑުކިޔުން އަމާޒުކުރާކަން ފާހަގަކުރައްވައި، މަތީ މަޤާމުތަކުގައި ތިބި ނާޤާބިލު ފިރިހެނުންގެ ޢަދަދު ހައިރާންވާހައި އިތުރު ކަމުގައި ވިދާޅުވެފައެވެ.

ދުންޔާ ވަނީ ޤާބިލު އަންހެނުންނާއި ފިރިހެނުންވެސް މަޤާމުތަކުން ފެނިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.