ހދ.ކުޅުދުއްފުށި ސިޓީން ގިނަ އަދަދެއްގެ ބަޔަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާއި ގުޅިއްޖެއެވެ.

 

 

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާ އަދި އުތުރު ދާއިރާ އިން ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވާ އައިމަން މުޙައްމަދު އާއި އަބްދުﷲ އައްބާސް ރެކޯޑް އަދަދެއްގެ ފޯމާއިއެކު ޕީއެންސީއާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ހާހެއްހައި މީހުން އެ ޕާޓީއާއި ގުޅިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ކުރިއަށެވެ.

އެ ޕާޓީ އާއި ޕީޕީއެމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކުގައި ނުކުންނަން ތައްޔާރުވަމުން އަންނައިރު، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަން އެ ކޯލިޝަނުގެ ޖޮއިންޓް ސެނެޓުން ވަނީ ފާސްކޮށްފައެވެ.

އަދި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގައި ކަމަށް ވަނީ ނިންމައިފައެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޕީޕީއެމް-ޕީއެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ަ