ޕީޕީއެމްގެ ކުރީ ސަރުކާރުގައި ވެސް، ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރި ޗައިނާގެ ފަރާތުން، މި ފަހަރު ވެސް އުއްމީދީ މެސެޖެއް ލިބިވަޑައިގެންނެވިކަން އިކޮނޮމިކް މިނިސްޓަރު، މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމަށްޓަކައި ޗައިނާ އިން އިތުރު ފްލައިޓްތަކާއި، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ވަނީ ދެއްވައިފައި ކަމަށެވެ.

”ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ އުއްމީދީ ދުވަސްތަކެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު ޗައިނާއަށް ވަޑައިގެންނެވީ، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހުގައެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް އާއި މިނިސްޓަރު ވަނީ،  ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ފޯރަމްގައި ނައިބު ރައީީސް ވަނީ، ރައީީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވިއެވެ.