ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

 

 

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ”ސާކް ޗާޓަރ ޑޭ“ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ދެކުނު އޭޝިއާގެ ސަރަހައްދީ ގުޅުންތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްއިން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް ފުރުނީ 39 އަހަރެވެ. އެކަމަށްޓަކައި ރައީސް ވަނީ ސާކްގެ ސެކްރެޓޭރިއެޓަށާއި ސެކްރެޓަރީ ޖެނެރަލަށް އަދި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކާއި މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައެވެ.

”ސާކް ޗާޓަރ ޑޭ“ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.