މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، އެ ސިނާއަތާއި ގުޅުން ހުރި މަޢުލޫމާތު ތުއްތު ކުދިންނަށް ފޯރުކޮށް ދިނުމަށް ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

 

”މިފްކޯ ކުޑަކުދިންގެ ހަވީރު“ މި ނަމުގައި އިއްޔެ ހުޅުމާލެ، ސެންޓްރަލް ޕާރކްގައި، ކުރިއަށްދިޔަ ހަވީރުގައި މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި، އެ ދާއިރާއާއި ގުޅޭ ގިނަ ކަންކަން ދައްކައިލައިފައިވެއެވެ.

އެގޮތުން ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާތަކެތި ތައްޔާރުކުރާނެ ގޮތާއި، މަސް ކެނޑުން ފަދަ މަސައްކަތް ދައްކައިލައިފައިވެއެވެ.

މިހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި ”ފަސްމީރު ޔަންގް ޝެފް“ މި ނަމުގައި ވެސް މުބާރާތެއް ބޭއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި މަޢުލޫމާތުތައް ދިނުމަށް ބޭއްވި މި ހަވީރުގެ ހޮސްޓިން ޕާޓްނަރަކީ އާބަންކޯއެވެ.

މި ހަވީރުގައި ފިޝަރީޒް މިނިސްޓަރު، އަޙުމަދު ޝިޔާމް އާއި، ޖެންޑަރ މިނިސްޓަރު ޑރ.އައިޝަތު ޝިހާމްގެ އިތުރުން، އާބަންކޯގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.