އަސާސީ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ކުރުމަށް ހުރަހެއް ނެތްކަމުގެ ޔަޤީންކަން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަބީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްވެސް ޤައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ އިން މަނާ ކޮށްފައިވަނިކޮށެވެެ.
މިކަމާއި ގުޅިގެން، ރާއްޖެއަށް ދެން ފިޔާ ނުލިބިދާނެ ކަމަށް ބައެއް ފަރާާތްތަކުން ބުނަމުން އަންނައިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށާއި، ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހުވެސް ބައްލަވަމުންއައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޤާއިމްކުރުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަމަށް ދެމެހެއްޓެނިވި، އަދި ވަށައި ޖެހޭ ޙައްލެއް، ސަރުކާރުން ގެންނަވާނެ ކަމަށެވެ.
ފިޔާ އެކްސްޕޯޓް ކުރުން މަނާ ކޮށްފައި އޮތްނަމަވެސް މި ދަނޑިވަޅުގައި ފިޔާ ބޭރުކުރެވޭނެ ތިން ޙާލަތެއް އިންޑިއާ އިން ވަނީ ކަނޑައަޅައިފައެވެ.