ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމަވައިފިއެވެ.

މިކަން މިއަދު އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަ ކުރައްވައިފައެވެ.

އެކްސް އަދި ފޭސްބުކްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10 ،11 ،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެކުރިން މިނިސްޓަރު ޝަހީމް ވަނީ އިމާމުންނަށްވެސް ތަޢުލީމީ ގޮތުން ކުރިއެރުމަށް އެކި ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.