އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނިކޮށް، ރޭ މެންދަމު އަލުން ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތާ ތިން ދުވަސް ވާން ކައިރިވެފައި ވަނިކޮށް ވޭރިއޭބަލް ފްރިކުއެންސީ ޑްރައިވްއެއް (ވީއެފްޑީ)އެއް އައްޑޫއަށް ގެންގޮސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ބުރާސްފަތި ދުވަހު ފެނުގެ ޚދުމަތް މެދުކެނޑުނީ ދިމާވި ކަރަންޓުގެ މައްސަލަ އަކަށްފަހު ފެން ޕްލާންޓުން އުފައްދާ ފެން ދައުރުކުރުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ވީއެފްޑީ ޑްރައިވާ މަސައްކަތް ނުކޮށްގެންނެވެ.
ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ފެން ޕްލާންޓަށް މައްސަލަ ދިމާވީ ޤަވާއިދުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރަމުން ނުދާތީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިންސްޕެކްޓުކޮށް ޙައްލުކުރަން އަންގާފައިވާ ކަންކަން ހައްލުކޮށްފައި ނުވާތީ ކަމަށެވެ.
އެކުންފުނިން ބުނީ ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް މެދުކެނޑިގެން ދިޔައީ އެކަށީގެންވާ ފެނުގެ ސްޓޮކެއް ނެތުމުން ކަމަށެެވެ.
އެހެންވެ އައްޑޫގައި ފެނުގެ ސްޓޯރޭޖު އިތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
