ކުރިއަށް އޮތް އަހަރުގެތެރޭގައި ދައުލަތުގެ ޚަރަދުގައި 5 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕަލާންޓްގެ ފަރުވާ ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއީ ލޭއަޅަން ޖެހޭ ބަލި، ނުވަތަ ތެލަސީމިއާ ބަލި ހުންނަ ކުދިންނަށް ދޭ ފަރުވާއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވީ، މިއަދު ވަޒީރުންގެ މަޖިލީހުގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދުމާ ގުޅޭ ގޮތުން މައިގަނޑު ތިން ކަމެއް ނިންމާފައިވާ ކަަމަށެވެ.

އޭގެ ތެރޭގައި، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި މި ޚިދުމަތް ހޯދުމަށް އެއް ކުއްޖަކު ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯންމެރޯ ހެދުމަށް ލިސްޓްގައި ގިނަ ކުދިންތަކެއް ތިބިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، މި ލިސްޓަގައި ތިބި ހުރިހައި ކުދިންނަށް ވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދުމަށް މަގުފަހިކޮށް ދިނުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމަވައިފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

އެ ލިސްޓްގައި ތިބި ކުދިންނަށް ފަރުވާ ދިނުމަށް ފަހު ސިސްޓެމެޓިކް ނިޒާމެއްގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކޮލިފައިވާ ކޮންމެ ކުއްޖަކަށް ވެސް އެ ޚުދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.