ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ފުރިހަމަ ފަރުވާ ކުރެވޭނެ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި މުހިންމު ނިންމެވުން، ނިންމަވައިފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިކަން ހާމަކުރައްވައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، އެ ހޮސްޕިޓަލު ވެގެންދާނީ، ތެލެސީމިއާގެ ފަރުވާ އާއި ގުޅޭ ހުރިހައި ކަމެއް، ވަށައިޖެހިގެން ލިބިގެންދާނެ ތަނަކަށް ކަމަށެވެ.
”މި ހޮސްޕިޓަލުގެ ތެރެއިން، ބޯން މެރޯ ހެދުމުގެ ޚިދުމަތްތައް، އޭގެ ކުރިން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާއި، އަދި އޭގެ ފަހުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ޤާއިމު ކުރުމަށް ނިންމައިފައިވޭ،“ ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަތޮޅުތެރެއިން އަންނަ މީހުންނަށް، އެތަނުގައި ހުރެވޭނެ އިންތިޒާމް ވެސް ހަމަޖެއްސުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ތެލެސީމިއާއަށް ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ވެސް، މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލުތަކުގައި ބްލަޑް ބޭންކު ޤާއިމު ކުރުމަށާއި، ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭންގައި ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކުރުވުން ހިމެނޭހެން އެކި ކަންކަން ކުރުމަށް ނިންމައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

