މިފްކޯ އަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހައްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ، އެ ކުންފުނި ހިންގުމުގައި މަސްވެރިން ބައިވެރި ކުރުވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 43 ވަނަ މަސްވެރީންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި އެޖެންޑާ ކުރެއްވެވީ، މަސްވެރިކަމާއި ގުޅުންހުރި ކަރުދާހެއް ކަމަށެވެ. އެއީ މިފްކޯ، މަސްވެރިން ބުނާ ގޮތުންނަމަ، ”މިނިވަން ކުރުމަށް“ ނިންމެވި ނިންމެވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އައު ސަރުކާރު ފެށިގެން ދިޔައީ، މަސްވެރީންގެ ނުހަނު ގިނަ ކަންބޮޑުވުންތަކާއިއެކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރު ފެށުނުއިރު މަސްވެރީންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އައު ސަރުކާރުން މިހައިތަނަށް މަސްވެރިންނަށް 136 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.

”ރައީީސްގެ ވިސްނުންފުޅުގައި އޮތީ، މަސްވެރީން ހިމެނޭ ކޯޕަރޭޓިވްއެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާ، މިފްކޯގަ އޮންނާނެ ގޮތަށް، މިފްކޯގެ ބޯޑުގައި އެ ކޯޕަރޭޓިވް ތަމްސީލު ކުރެވޭނެ ގޮތެއްގެ އިންތިޒާމް، އެ ހިސާބުން މަސްވެރިންގެ ސީދާ ދައުރު، މިފްކޯ ހިންގުމަށް ލިބިގެން އެ ދިޔައީ.“ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ

 

މިނިސްޓަރު ވިދާޅުވީ، މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީގެ ބައިވެރިވުމާއިއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި، މަސްވެރިންގެ ޝަކުވާތައް އަޑު އިއްވޭނެ، އިތުރު ދެ ފޯރަމް ބާއްވަން ނިންމަވައިފައިވާއިރު، މިކަމުން ހާމަކޮށްދެނީ މަސްވެރީންނާއި، މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީ ގާތުން މަސައްކަތް ކުރުމަށް ރައީސް މުޢިއްޒު އިސްކަން ދެއްވާ މިންވަރު ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ ހަމަޖައްސައިފައިވަނީ 2016 ވަނަ އަހަރުގެތެރޭގައެވެ.

އެސްޓީއޯގެ ދަށުން މިފްކޯ ހިންގަމުން ދިޔުމަކީ މިފްކޯއަށް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.